ޖަމްޢިއްޔަތުއްސަލަފާއި އދ. އަތޮޅުކައުންސިލް އާއި އަދި ރަށުކައުންސިލްތައް ގުޅިގެން ބާއްވާ، “ސަލަފް ރިޙްލާ 2025” މިރޭ ފެށިއްޖެއެވެ. މިކަމަށް ޓަކައި ޙާއްޞަކޮށް އދ މާމިގިލި އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އަރިއަތޮޅު އދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަޞީރު އަދި އދ މާމިގިލި ކައުންސިލްގެ ރައީސް އަލްފާޟިލް އިމާދު ފާރޫޤުއެވެ
މި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވައި ޖަލްސާ ފައްޓަވައިދެއްވާފައި ވަނީ ޖަމިއްޔަތުއްސަލަފްގެ ދަޢުވާ މެނޭޖަރ އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. އަދި ޖަމިއްޔަތުއްސަލަފްގެ ފަރާތުން ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ރިޕޯޓެއް ވެސް ވަނީ ހުށަހަޅާފައެވެ. މިރަސްމިއްޔާތުގައި ޖަމިއްޔާގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަލަފްރިޙްލާ 2025 ކުރިއަށް ގެންދިއުމަށް އދ އަތޮޅުގެ ފަރާތުން ދެއްވެވި އެއްބާރުލުމާއި އަދި މާމިގިލިން ދެއްކެވި މެހެމާންދާރީއާއި ދެއްވެވި އެއްބާރުލެއްވުމަށް ޝުކުރު ދެންނެވިއެވެ. މިރޭ މިއީ ދީނީ ދަޢުވަތުގެ އަދި އިޖްތިމާއީ ގޮތުން ޖަމިއްޔަތުއް ސަލަފްއިން ހަރަކާތްތެރިވާ ހަރަކާތްތެރި ވުމުގައި ވަރަށް މުޙިއްމު މަސައްކަތެއްގެ ފެށުން ފާހަގަކުރާ ރެއެއް ކަމަށާއި، ޖަމިއްޔަތުއްސަލަފްއަކީ ކޮންމެ ހަފްތާއަކުވެސް އަތޮޅުތެރޭގެ އެކި ރަށްތަކަށް އިޖްތިމާޢީ ދީނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދަތުރުތައް ރާވަމުންދާ ޖަމިއްޔާއެއް ކަމަށް އައްޝައިޚް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން މާލޭގެ މިސްކިތްތަކުގައި ކޮންމެ ދުވަހަކުހެއް ޖަމިއްޔަތުއްސަލަފްއިން ދަރުސް ދެމުންދާ ކަމަށާއި، ޖަމިއްޔާގެ ލަޔާޤަތާއި ޤާބިލްކަން ތަންދިން މިންވަރަކުން އިޖްތިމާޢީ ހަރަކާތްތައްވެސް ރާވަމުންދާކަން ފާހަގަ ކުރެއްވިއެވެ.
މި ޙަފްލާގައި ޖަމިއްޔަތުއްސަލަފްގެ ފަރާތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މި ރިޕޯޓުގައި ޖަމިއްޔާގެ މަޤްސަދާއި އަދި ޖަމިއްޔާގެ ފަރާތުން ހިންގަމުންދާ ބައެއް ހަރަކާތްތަކާއި ބެހޭގޮތުން ކޮންމެވެސްވަރަކަށް އަލިއަޅުވާލާފައި ވެއެވެ.
އެއަށްފަހު ދެން އޮތީ ސަލަފް ރިޙްލާ 2025 ގެ އެންމެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންދިއުމެވެ. އެއީ “އާއިލީ ގުޅުންތައް” މި މަޢުޟޫއަށް ކުރިއަށް ފޯރަމްއެކެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިންނެވީ އައްޝައިޚް އަޙްމަދު ސަމީރު އަދި އައްޝައިޚް ޢަބްދުއްސަލާމްއެވެ. ފޯރަމް ހުށަހަޅައިދެއްވީ އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. މި ފޯރަމްގައި ބައިވެރިވި ފަރާތްތަކަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.
ސަލަފް ރިޙްލާ އެންމެ ފުރަތަމަ ފެށި، ކުރިއަށް ގެންދެވިފައިވަނީ 2009 ވަނަ އަހަރުއެވެ. އެގޮތުން މިހާރު އަރިއަތޮޅު ދެކުނުބުރީގައި ކުރިއަށް މިގެންދެވެނީ ސަލަފް ރިޙްލާގެ 9 ވަނަ ޕްރޮގްރާމްއެވެ. އަދި މި ޕްރޮގެރާމް އެއަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

