މިހަފްތާ ބަންދުގައި، ވަރަށް ޚާއްޞަ ދެ ދަރުހެއް މާލެ ސަރަޙައްދުގައި އޮންނާނެއެވެ. މި ދެ ދަރުސްވެސް ދެއްވާނީ، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުއެވެ.
ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 11 ޖުލައި 2025 ވާ ހުކުރު ދުވަހުގެ ރޭ، ބާއްވާގޮތަށް ހަމަޖެހިފައިވާ މި ދަރުސްގެ މައުޟޫޢަކީ “ނިކަމެތިކަމުގެ ފިޔަ” އެވެ. ތަރުބިއްޔަތާއި މައިންބަފައިންނާ ގުޅޭގޮތުން އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މި ދަރުސް އިންތިޒާމް ކުރަނީ، ހެޔޮބިންގާ އާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ، ދާރިސް ޓީވީ އަދި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން ނެވެ. އަދި ދާރިސް ޓީވީ އިން ވަޤުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މިދަރުސް، ހުކުރު ދުވަހުގެ ރޭ (މާދަމާ ރޭ) 9:00ގައި ފަށާގޮތަށް ވަނީ އިންތިޒާމް ހަމަޖެހިފައެވެ.
ދެވަނަ ދަރުހައަކީ، ޖުވާއާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް، ޖަމްޢިއްޔަތުލް ބުންޔާންއިން ކުރިއަށްގެންދާ ޚާއްޞަ ކެމްޕެއިންގެ ތެރެއިން، އެ ޖަމްޢިއްޔާއިން، ޖަމްޢިއްޔަތުއްސަލަފާ ގުޅިގެން އިންތިޒާމްކުރާ ދަރުހެކެވެ. މިދަރުސް އޮންނާނީ، 12 ޖުލައި 2025ވާ ހޮނިހިރު ދުވަހުގެ ރޭ، މަޣްރިބް ނަމާދަށްފަހު، މަސްޖިދުލް ފުރުޤާނުގައެވެ. މި ޚާއްޞަ ދަރުސްވެސް ދާރިސް ޓީވީއިން ވަގުތުން ފޮނުވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ދީނީގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން އެހެން ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ ޙަރަކާތްތަކަށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަ ކަމެކެވެ.
މި ހަފްތާ ބަންދުގައި މާލޭ ސަރަޙައްދުގައި ބާއްވާ މި ދެ ދަރުސްގެ އިތުރުން، ޢާންމުކޮށް ކޮންމެ ހަފްތާ ބަންދުގައި، އަތޮޅުތަކުގައި އަޅުގަނޑުމެން ކުރިއަށްގެންދާ، ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް މި ހަފްތާވެސް ކުރިއަށް ދާނެއެވެ. މިގޮތުން، މި ހަފްތާގައި އއ. މަތިވެރި އަދި ކ. ތުލުސްދޫއަށް، 4 ޢިލްމުވެރިއަކު ވަނީ މިހާރުވެސް ފުރާވަޑައިގެންފައެވެ.