ސުވާލު:
އިސްލާމްދީނުގައި، އަންހެނުން ނޭފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ކަންފަތުގައި އަޅުވާ އެކި ބާވަތްތަކުގެ ޒީނަތްތެރިކަމަކީ ޞަޙާބީ ބޭކަލުންގެ ޒަމާނުގައިވެސް އަންހެން ކަނބަލުން ބޭނުންކުރެއްވި ތަކެއްޗެވެ. އެހެންކަމުން ޒީނަތްތެރިކަމުގެ ގޮތުން އަންހެން ކުދިންގެ ކަންފަތް ތޮރުފުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ.
ނޭފަތް ތޮރުފުމާ ބެހޭގޮތުން ދަންނައެވެ. މިކަމަކީ ކަންފަތް ތޮރުފުމާ އެއް ފަދައިން، އިސްލާމީ މުޖުތަމަޢުތަކުގައި ފެތުރިފައިވާ ކަމެއް ނޫނެވެ. އެހެނަސް އިންޑިއާފަދަ ޒަމާނުއްސުރެ މިފަދަ އާދަކާދަތައް އޮންނަ ޤައުމުތަކުގައި އުޅޭ ބައެއް މުސްލިމުންވެސް މިކަން ކޮށް އުޅެއެވެ.
ފަހެ މިކަމުގެ ޙުކުމާ މެދުގައި ޢިލްމުވެރިން ވަނީ ޚިލާފުވެވަޑައިގެންފައެވެ.
– މިކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ: މިއީ ޙަރާމްކަމެއްކަމުގައެވެ. އަދި މިއީ ޒީނަތްތެރިވުމަށް ކުރުން ރަނގަޅުކަމެއްގެ ގޮތުގައި އެބޭކަލުން ދެކެވަޑައިނުގަންނަވައެވެ.
– އަނެއް ބައި ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ: މިކަން މަނާކުރާ ޚާއްޞަ ދަލީލެއް ވާރިދުވެފައި ނުވާތީ ތިން ޝަރުޠަކާ އެކުގައި މިކަން ހުއްދަކަމުގައެވެ. އެއީ:
1. މިކަން ކުރަނީ އަންހެނެއްކަމުގައިވުން (ފިރިހެނުންނަށް މިކަން ކުރުން ހުއްދައެއް ނޫން)
2. މިކަމަކީ އެމީހަކު އެ އުޅޭ މުޖުތަމަޢެއްގައި ފެތުރިފައިވާ ޢާންމުކަމަކަށްވުމާއި މިކަން ކުރަނީ ޣައިރު މުސްލިމުން އެކަން ކުރާތީ އެބައިމީހުންނަށް ތަބާވުމަށްކަމުގައި ނުވުން.
3. ނޭފަތް ތޮރުފުމުގައި އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރުން. އެގޮތުން “މެޑިކަލީ” ބަލާ މިންގަނޑުތަކެއްގެ ދަށުން، އެކަމުގެ މާހިރެއް ލައްވާ ޞިއްޙީ ގޮތުން ރައްކާތެރި ގޮތެއްގައި މިކަން ކުރުން.
މިކަމުގައި ރައްކާތެރި ގޮތަކީ މިކަމާ ދުރުހެލިވުމެވެ. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖެއަކީވެސް މިކަން ފެތުރިފައިވާ މުޖުތަމަޢަކަށް ނުވާ އިރުގައި އަދި އެއްވެސް ޚިލާފެއް ނެތި އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ޒީނަތްތެރިކަމުގެ އެތައް ކަމެއް ވާއިރުގައި މިފަދަ ކަމެއް ދޫކޮށްލުމަކީ އެމީހެއްގެ ދީންވެރިކަމާއި އަބުރަށް އެންމެ ރައްކާތެރި ގޮތްކަމުގައި ދެކެމެވެ. والله أعلم.
ބައްލަވާ: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (11 / 137) والجراحة التجميلية لد. صالح بن محمد الفوزان (ص: 214 – 215، 225 – 231).
ޖަވާބުދެއްވީ: ޑރ. ޢިމްރާން މުޙައްމަދު ޢަލީ