الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢިލްމުވެރިންނަކީ އަޅުތަކުންނަށްވާ ބައްތިތަކެކެވެ. އަދި އެއީ މީސްތަކުންނަށް މަގުދައްކައި ދިނުމަށް ރަށުގައިވާ ފާހަގަތަކެކެވެ. އަދި އެއީ އުންމަތް ނަގަހައްޓާ ބައެކެވެ.
ސަލްމާން އަލްފާރިސީ رضي الله عنه ވިދާޅުވެއެވެ.
“ކިޔަވައިދޭ މުޢައްލިމެއްގެ މިޘާލަކީ އަނދިރި މަގެއް އަލިކުރުމަށްޓަކައި ބައްތިއެއް ބެހެއްޓި މީހެއްގެ މިޘާލެވެ. އެއީ ހުރަސްކޮށްފައިދާ މީހުން އޭގެ އަލިކަން ޙާޞިލުކުރުމަށްޓަކައެވެ.” [مسند الدارمي (1 / 461) برقم: (576)]
ޢިލްމުވެރިންނަށް މާތްކޮށް ހިތުން ހިމެނިގެންވަނީ ދީނަށާއި ޝަރީޢަތަށް މާތްކޮށް ހިތުމުގެ ތެރެއިންނެވެ. ފަހެ އެބޭކަލުންނަކީ ނަބީބޭކަލުންނަށް ފަހު އެބޭކަލުންގެ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދެއްވާ ބޭކަލުންނެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ» [رواه أبو داود (3641) وصححه الألباني في صحيح الجامع الصغير (6297)]
މާނައީ: “ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.”
މި އުންމަތުގެ އިސްވެ ދިޔަ ޞާލިޙުބޭކަލުންނަކީ ޢިލްމުވެރިންނަށް މާތްކޮށް ހިއްތެވި އަދި އިޙްތިރާމުކުރެއްވި ބޭކަލުންތަކެކެވެ.
އައްރަބީޢު ބުން ސުލައިމާން رحمه الله ވިދާޅުވެއެވެ.
“ޝާފިޢީގެފާނުގެ ހައިބަތުގެ ބޮޑުކަމުން އެކަލޭގެފާނު ބައްލަވަން ހުއްޓާ އަޅުގަނޑަށް ފެންފޮދެއްވެސް ބޯން ނުކުރެއެވެ.” [مناقب الشافعي للبيهقي (2 / 145)]
އެބޭކަލުންނާ ސުވާލުކުރުމުން ޢިލްމު ލިބިގެން ދެއެވެ. އަދި އެބޭކަލުންނާ މަޖިލިސްކުރުމުން ބާއްޖަވެރި ވެއެވެ. އަދި އެބޭކަލުންނާ އެއްކޮށް އުޅުމަކީ ސުލޫކު ނަގަހައްޓާ ކަމެކެވެ. އަދި އެބޭކަލުންނާއެކު ޒުވާނުން ގިނަވަގުތު ހޭދަކުރުމަކީ ﷲގެ އިޛްނަފުޅާއެކު، ޙައްޤުމަގުން ކައްސާލުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
އަބުއްދަރްދާ رضي الله عنه ވިދާޅުވެއެވެ.
“ޢިލްމުވެރިންނާއެކު ހިނގާ އަދި ވަދެ ނުކުމެ އުޅުމަކީ (އެބަހީ: އެބޭކަލުންގެ އަރިހަށް ގޮސްއުޅުމަކީ) މީހެއްގެ ފިޤުހުވެރިކަމުގެ ތެރެއިންވާ ކަމެކެވެ.” [الإبانة الكبرى لابن بطة (2 / 437) برقم: (368)]
ޢިލްމުވެރިންނާއެކު އުޅުމުގެ މޭވާއަކީ ހަމައެކަނި ޢިލްމުލިބި ތަންދޮރުފިލުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެބޭފުޅުންގެ އުޅުމާއި ގުޅުމާއި ހިންމަތުގެ މަތިވެރިކަމާއި މީސްތަކުންނަށް ކޮށްދޭ ފައިދާއިންވެސް ނަމޫނާ ލިބެއެވެ.
މައިމޫނު ބުން މަހްރާނު رحمه الله ވިދާޅުވިއެވެ.
“އަޅުގަނޑުގެ ހިތުގެ ރަނގަޅުކަން ފެނިފައިވަނީ ޢިލްމުވެރިންނާއެކު އެއްމަޖިލިސްކުރުމުންނެވެ.” [حلية الأولياء وطبقات الأصفياء (4 / 85)]
މުސްލިމުން ޢިލްމުވެރިންނާ ދުރުގައި ތަރުބިއްޔަތުވުމުން ޢިލްމު ޙާޞިލުކުރުމުގައި ވަޅުޖެހެއެވެ. އަދި އަމިއްލަ ރައުޔުތައް މާމޮޅުކަމަށް ހީކުރެވެއެވެ. އަދި ބައިބައިވުމުގެ ސަބަބަކަށް އެކަން ވެއެވެ. އަދި އަޅުކަންކުރުންވެސް ހީނާރުވެގެން ދެއެވެ.
އައްޝަޢުބީ رحمه الله ވިދާޅުވެއެވެ.
“ޢިލްމުވެރިންނާއެކު އެއްމަޖިލިސް ކުރާށެވެ. ފަހެ އެހެނީ ތިޔަބައިމީހުން ރަނގަޅަށް ކަންކޮށްފިއްޔާ ޘަނާކިޔުއްވާނެއެވެ. ތިޔަބައިމީހުން ގޯސްކޮށްކަމެއްކޮށްފިއްޔާ އެކަމަށް ޢުޛުރުހޯދައިދޭނެއެވެ. އަދި ތިޔަބައިމީހުންނަށް ކުށެއްކުރެވިއްޖެނަމަ އެކަމުގެ މައްޗަށް ހަރުކަށިވެ ނުލައްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިއްޖެނަމަ އުނގަންނައިދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ހެކިވެއްޖެނަމަ ފައިދާކޮށްދެއްވާނެވެ” [جامع بيان العلم وفضله (1 / 519) برقم: (847)]
ފަހެ ޢިލްމުވެރިންނާ މަޖްލިސްކުރާ އިރުގައި އަދަބުވެރިވާށެވެ. އަދި ތަވާޟުޢުވެރިކަން އިސްކުރާށެވެ. އަދި ސުވާލުކުރުމުގައި މަޑުމައިތިރިވާށެވެ. އަދި އެންމެ ރިވެތި ބަހުރުވައިން އެބޭފުޅުންނާ ވާހަކަދައްކާށެވެ.
________________________
خطوات إلى السعادة لد. عبد المحسن بن محمد القاسم (ص: 201 – 202)