ޖަމްޢިއްޔަތުއް ސަލަފުން އެޗް. ޑީ. ސީ އާއި ބައްދަލުކޮށްފިއެވެ.
މިއަދު އެޗް. ޑީ. ސީ ގެ މީޓީން ރޫމްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޖަމްޢިއްޔާގެ ރައީސް އަދި ހިންގާކޮމެޓީގެ ބައެއް މެމްބަރުންނާއި އެޗް. ޑީ. ސީގެ ޗެއަރމަން އަލްފާޟިލް އަޙުމަދު ނާސިފްގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ މި އަހަރު ރަމަޟާން މަހުގެ ކުރިން ޖަމްޢިއްޔާއިން ކުރިއަށް ގެންދަން ރާވާފައިވާ ’ސަލަފް ރޯދަ ހަދިޔާ‘ އިވެންޓު ހުޅުމާލޭގައި ބޭއްވުމުގައި އެޗް. ޑީ. ސީގެ އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓުގައި ތިއްބަވާ ބަލި މީހުންނާއި ބަލިމީހުންގެ އެހީތެރިންނާއި ހޮސްޕިޓަލްގެ މުވައްޒިފުންނަށް ޖަމްޢިއްޔާއިން ބަހާ ރޯދަ ވީއްލުމުގެ ހަދާޔާ ޕެކް ތައްޔާރުކުރުމުގައި އެ ވުޒާރާއިން ދެވެންހުރި އެއްބާރުލުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. “ހުޅުމާލޭގައި އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ހަދާޔާ ޕެކްތައް ތައްޔާރުކުރާނެ ރަނގަޅު ހުސް ތަނެއް ނުލިބުން. ބޮޑުއަގުގައި އިމާރާތެއް ކުއްޔަށް ހިފައިގެން މި ކަން ކުރުމަކީ ވަރަށް ދަތި ކަމެއް. “ ޖަމްޢިއްޔާގެ ހިންގާކޮމިޓީގެ މެމްބަރ މުޙައްމަދު މުޢާޒް ފާހަގަކުރެއްވިއެވެ.
ހަމަ އެއާއިއެކު ޖަމްޢިއްޔާގެ ގޮތްޕެއް ހުޅުމާލޭގައި އުފެއްދުމަށް އޮފީސް އިމާރާތެއް ނުވަތަ ހުސް ބިމެއް ހޯދުމުގެ މަޝްވަރާ ކުރުމުގެ އިތުރުން އެޗް. ޑީ. ސީ އާއި ގުޅިގެން ކުރިއަށްގެންދެވިދާނެ އެކި ޙަރަކާތްތަކާއިމެދުވެސް ޚިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމުގައި އެޗް. ޑީ. ސީގެ ފަރާތުން މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ދެވެންހުރި އެއްބާރުލުމެއް ދެއްވާނެކަމަށް، ޗެއަރމަން އާއި ޓީމުން ވަނީ ހާމަކުރައްވާފައެވެ.