އިސްވެބަޔާންކުރެވުނު ކަންތައްތައް ބިނާވެގެންވަނީ النَّفْيِ وَالإِثْبَاتِ ގެ މައްޗަށެވެ. (އެބަހީ: ނަފީކުރުމާއި ޘާބިތުކުރުމުގެ މައްޗަށެވެ.) އެމީހުންގެ ހަވާނަފްސަށް ތަބާވެ ކުށްހީތައް ކުރެއެވެ. އަދި ރަސޫލު ބޭކަލުން ގެންނެވި ކަންކަމުން އެއްކިބާވެ ދެކޮޅުހެދުމެވެ.
[ޖާހިލިއްޔަތުގެ އަހުލުވެރިންގެ ކަންތައްތަކުގެ ތެރެއިން ޝައިޚް މުޙައްމަދު ބުނު ޢަބްދުލްވައްހާބު ބަޔާންކުރައްވާފައިވާ ހުރިހާ މައްސަލަތަކެއްވެސް ގުޅިފައިވަނީ النَّفْيِ وَالإِثْبَاتِ އާއެވެ. އެމީހުން ޘާބިތުކުރަނީ، ނުވަތަ އެގޮތެއްގެ މަތީގައި ދެމިތިބޭ ގޮތެއްކަމުގައި ހިފަނީ މާތް ﷲ ނަފީކުރައްވާފައިވާ ކަންތައްތަކުގައެވެ. އަދި މާތް ﷲ ޘާބިތުކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވެ އެކަންކަމާއި ދެކޮޅުހަދައި އެކަންކަން ނަފީކުރެތެވެ. އެމީހުންގެ މަގުފުރުދުމުގެ އަޞްލަކީ މިއީއެވެ.
މާތް ﷲ ވަނީ ޝިރުކު ނަފީކުރައްވާފައެވެ. އަދި ތައުޙީދު ޘާބިތުކުރައްވާފައެވެ. އަދި ތައުޙީދުގެ މަތީގައި ދެމިތިބުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް އެމީހުންވަނީ މިހުރިހާ ކަމެއް އިދިކޮޅަށް ޖަހާފައެވެ. އެމީހުންވަނީ ޝިރުކު ޘާބިތުކޮށް ތައުޙީދު ނަފީކޮށްފައެވެ. އެއީ لا إله إلا الله ގެ މާނަ ފުރިހަމައަށް އިދިކޮޅަށް ޖަހައިލުމެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. ”وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُوْلَئِكَ هُمُ الْخَاسِرُون“ (العنكبوت 52) މާނައީ: ”ބާޠިލުކަންތަކަށް އީމާންވެ،އަދި ﷲ އަށް ކާފަރުވެގެންވާ މީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނަކީ ހަމަ އެއުރެންނެވެ.“
މާތް ﷲ ނަފީކުރައްވާފައިވަނީ ބާޠިލު ގޮތްތަކަށް އީމާންވުމެވެ. ނަމަވެސް އެބައިމީހުން އެގޮތެއްގައި ހިފަހައްޓައި އެކަމުގެ މަތީގައި ދެމިތިބޭ އެއްޗެއްކަމުގައި ހަދާފައިވަނީ ބާޠިލުގޮތްތަކެވެ. އެކަމަކަށް ކުފުރުވުމަށް އަމުރުކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުމުގެ ބަދަލުގައި އެކަންކަން އެމީހުންވަނީ ޘާބިތުކޮށްފައެވެ.
މާތް ﷲ އަށް އުރެދޭމީހުންގެ ޙާލަތަކީ މިއީއެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންތައް ހިނގަމުންދިޔަ ގޮތް ﷲ تعالى ބަޔާންކޮށްދެއްވަވާފައި އެވަނީ ޢިބްރަތެއްގެ ގޮތުގައެވެ. މިއަދުގެ ޙާލަތަށް ބަލައިލިނަމަވެސް މާތް ﷲ އަށް އުރެދިފައިވާ މީހުންގެ ޢަމަލުތައް ހުރީ މިގޮތުގެ މަތީގައިކަން ހާމަވެގެން ދާނެއެވެ.
މާތް ﷲ ނަހީކުރެއްވި ކަންތައްތަކަކީ ހިތްއުފާ ކުރުމަށް ކުރާ ކަންތައްތައް ކަމުގައިވަނީ ހަދާފައެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް އެއީ ތަރައްޤީއެވެ. މާތް ﷲ އެކަމަކުން އެއްކިބާވުމަށް އަމުރުކުރައްވާފައިވާ ޒިނޭ އާއި ރަލާއި ފާހިޝް ޢަމަލުތަކާއި، ރިބާގެ މުޢާމަލާތްތަކާއި، ހެދުން އެޅުމުގައި އަޢުރަ ފާޅުކޮށް އަންހެނުންނާއި ފިރިހެނުން މަސްހުނިވުމަކީ އެއީ ތަރައްޤީގެ ނަމުގައި ދަޢުވާކުރާ ހުރިހާ ތަނަކުން ފެނަމުންދާ މަންޒަރެވެ.
އަންހެނުންގެ ޢިއްފަތްތެރިކަމަކީ އެއީ އެކަނބަލުން ގޭގައި ބަންދުކޮށް އެކަނބަލުންގެ ޙައްޤުތައް ނަގާލުންކަމުގައި ހަދައި ބާޠިލުގޮތް އެއީ ޙައްޤުކަމުގައިވަނީ ހަދާފައެވެ.
ތިމާ ހިތުހުރި ދީނަކަށް އުޅެ، މާތް ﷲ އަށް ޝަރީކުކުރުން އެއީ ފުރިހަމަ އިންސާނީ ޙައްޤުތައްކަމުގައި ދަޢުވާކޮށް، އެއްޖިންސުން ކައިވެނިކުރުމާއި، އިންސާނުންނާއި ކުއްތާފަދަ ނަޖިސް ޙައިވާނުންނާއި ކައިވެނިކުރުން އެއީ ’ތަރައްޤީ‘ ވެފައިވާ އިނގިރޭސިވިލާތުގެ ތަރައްޤީގެ އުސްމިންކަމުގައި މިއަދު އެމީހުން ދެކެއެވެ.
މިދަންނަވައިލީ ދެތިން ކަމެކެވެ. ވިސްނައި ފިކުރު ކުރާ މީހަކަށް ޢިބްރަތެއްކަމުގައި މި މިންވަރުވެސް ފުދެއެވެ.]