ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހުވެސް ގިނަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ އަހަރަކު މިސްކިތްތަކުގައި ކުރިއަށްގެންދާ ދަރުސްތައް ނުބޭއްވިކަމުގައިވިޔަސް އޮންލައިންކޮށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންމެދުވަހެއްގެ މެންދުރު 1 ޖަހާއިރު ޕްރޮގްރާމެއް ކުރިއަށްގެންދާނެއެވެ. ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާ މިޕްރޮގްރާމަކީ 15 މިނެޓްގެ ކުރު ޕްރޮގްރާމެކެވެ. ﷲ ގެ މަތިވެރިކަން‘ މި މައުޟޫއުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ މިއަހަރު އަލަށް ފަށާ ޕްރޮގްރާމެކެވެ.
މިފެށޭ ބަރަކާތްތެރި ރަމަޟަން މަހަށް ޚާއްޞަކޮށްގެން ޖަމްޢިއްޔަތުއްސަލަފުން ގެނެސްދޭ އަނެއް ޕްރޮގްރާމަކީ އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު ހުށައަޅައިދޭ ’ޤަޞަޞުލް ޤުރްއާން‘ އެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ދުވަހެއްގެ މެންދުރު 1:30 ގައެވެ. ހުރިހާ ޕްރޮގްރާމުތަކެއްވެސް ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
”މިއަދު އަޅުގަނޑުމެންނަށް މިވަނީ ވަރަށްބޮޑު ބަލިމަޑުކަމެއް ކުރިމަރުވެފަ. އެހެންވުމާއެކު ވަރަށް ގިނަ ޕްރޮގްރާމްތަކެއް މިފަހަރު ނުގެންދެވޭނެ. އޭގެތެރޭގައި ’ހަދާޔާ‘ ގެނަމުގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޕްރޮގްރާމް އާއި ކާބޯތަކެއްޗަށް ބޭނުންޖެހިފައިވާ ނިކަމެތި އާއިލާތަކަށް އަމާޒުކޮށް ކުރިއަށްގެންދާ ’ވާބިލް‘ ޕްރޮގްރާމުވެސް މިވަގުތުގެ ޙާލަތު އޮތްގޮތުން ކުރިއަކަށް ނުގެންދެވޭނެ. ނަމަވެސް ކޮންމެ ބޭފުޅަކުވެސް ގޭގައި ތިބެގެން ކުރިއަށްގެންދެވޭނެ ބައެއް ޕްރޮގްރާމްތައް މިފަހަރުވެސް ކުރިއަށް ގެންދާނަން އިންޝާﷲ.“ ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު މުޙައްމަދު ސުޖާއު ވިދާޅުވިއެވެ.