އައްޝައިޚް މުޖުތަބާ ޙަމީދު
އެންމެ ހިތާވާ އަދި އެންމެ ގަޔާވާ މީހާ ދަޢުވަތެއް ދީފިނަމަ ޤަބޫލު ނުކުރާނަންތޯއެވެ؟ މި ސުވާލަށް ގިނަ މީހުން ޖަވާބުދޭނީ ކިހިނެއްބާއެވެ؟
ކޮންމެ ގޮތަކަށް ދިނަސް މިލިޔާ ވާހަކަގައި ދީފައިވާ “ޖަވާބަކީ” ހަމަ އެކަނި ރަނގަޅު ޖަވާބެވެ.
ރޭގަނޑުގެ ވަގުތެވެ. މަދީނާއިން ދަތުރުކޮށްފައި އަބޫ މަރުޘަދުގެފާނު ވަޑައިގެން އަރާވަޑައިގެންނެވީ އެކަލޭގެފާނުގެ އުފަން ރަށަށްށެވެ. އެއީ ކުޑައިރުގެ ހަނދާންތައް އެތަނެއްގައިވާ ވަޒަނެވެ. އެއީ ޒުވާން ދުވަސްވަރު އެރަށުގެ ވާދީތަކުގައި ހޭދަކުރި ފަސްގަނޑެވެ. އެއީ މައްކާއެވެ. އެރަށަށް ވަޑަގެންނެވީ ސިއްރިއްޔާތުގައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ އެއީ އެކަލޭގެފާނަކީ މައްކާގައި ދިރިއުޅެއް އުނދަގޫވެގެން މަދީނާއަށް ހިޖްރަކޮށްފައިވާ މުހާޖިރެކެވެ. ދީނުގެ ޙައްޤުގައި ދުނިޔެ ވިއްކާލާފައިވާ ބުއްދިވެރި ބޭކަލެކެވެ. ކުރަމުން އައި ނޭއްގާނީ އެތައް ފާފައެއް ދޫކޮށްލާފައިވާ ޞޯލިޙެކެވެ. އަނިޔާލިބެމުންދާ ނިކަމެތިންގެ ޙައްޤުތައް ހޯދަވައިދެއްވުމަށް ފުރާނަ އަތްމައްޗަށް ލައްވައިގެން މަސައްކަތްކުރައްވާ “ދަރުމަވެރި”އެކެވެ.
އާދޭހެވެ! އެކަލޭގެފާނަކީ ޖާހިލިއްޔަ ޒަމާނުގައި ޖެހިލުން ކުޑަ ބޭކަލެކެވެ. އެ ޖެހިލުން ކުޑަކަމުގެ ތެރޭގައި ނޭއްގާނީ އެތައް ގޯސްކަމެއްވާނީ ހިނގާފައެވެ. ނަމަވެސް މިއަދު އެވަޑައިގެންނެވީ ލިބިފައިވާ ޖެހިލުންކުޑަކަމުގެ ތެރެއިން ﷲގެ ދީނަށް ނަޞްރުދެއްވުމަށެވެ. އެއްވެސް އިތުރު މަޤްޞަދެއްނެތި ﷲގެ ރުއްސެވުން ލިބިގަތުމަށެވެ. މައްކާގައި ހައްޔަރުކޮށްފައިވާ އަނިޔާ ލިބެމުންދާ މުސްލިމުންގެ ސަލާމަތްކޮށް މަދީނާއަށް ގެންދިޔުމުގެ މަތިވެރި ޖިހާދުކުރެއްވުމަށެވެ.
މިވެސް އެފަދަ ރެއެކެވެ. މީގެ ކުރިން މިފަދަ އެތައް ރެޔަކު ކާމިޔާބު އެތައް މިޝަނެއްވަނީ ކުރިއަށްގެންގޮސްފައެވެ. މައްކާގެ ކާފަރުން ހައްޔަރުކޮށް ހިލިހިލާޖަހައިގެން ގެންގުޅެމުންދާ އެތައް މުސްލިމުންނެއް އަބޫ މަރުޘަދުގެފާނު ގެ މަސައްކަތުންވަނީ މަދީނާއަށް ގެންދަވައި އެބޭކަލުންނަށް އައު ދިރިއުޅުމެއް ހޯދައިދެއްވާފައެވެ. ދެންމެ މަދީނާއިން މައްކާއަށް ވަދެވަޑައިގެންނެވީވެސް މާކުރިން ރާވާފައިވާގޮތުގެ މަތިން ހައްޔަރުގައި އޮތް މުސްލިމު އަސީރަކު ސަލާމަތްކުރެއްވުމަށެވެ.
ސިއްރުސިއްރުން މައްކާގެ ތެރެއަށް ވަޑައިގެން ހިންގަވާފައިދަނިކޮށް ވިލާގަނޑުގެ ތެރެއިން ކުއްލިއަކަށް ހަނދު ފައުޅުވެ މުޅި ހިސާބު އަލިކޮށްލިއެވެ. މައްކާގެ ވާދީގެ ތެރޭގައިވާ ފޭލިގެއަކުން އެނުކުން އަންހެންކުއްޖާއަށް ފަރުބަދައިގެ ނިވަލަށް ވަދެ ރައްކާތެރިކަން ހޯދުމަށް ހަރުކޮށް ހިންގަވާފައި އެވަޑައިގެންނެވި ބޭފުޅާގެ ހިޔަނި ފެނުމާއެކު އެއީ ކާކުކަން އެނގިއްޖެއެވެ. އެހެންނުވާނީ ކީއްވެގެންތޯއެވެ؟ އެ ހިޔަނީގެ ވެރިޔާއާ އެކު އެވާދީގައި ދަންވަރު ހޭލާ ތިބި ރޭގެ ޢަދަދުވެސް އެކުއްޖާއަކަށް ނޭނގެއެވެ. ބާރަށް ދިޔަސް މަޑުންދިޔަސް ދުވުނަސް ފިރުކުނަސް އެ ހިޔަނި އޮޅުވާލެވޭނީ ކިހިނެއް ހެއްޔެވެ؟
“އަބޫ މަރުޘަދުތަ؟ އާދޭ އަވަހަށް އާދޭ ކަލާއަށް އިންތިޒާރުކުރާތާ ކޮންދުވަހެއް؟” ޢަނާޤު އުފަލުން ބާރު ބާރަށް ގޮވާލިއެވެ. (ނުނިމޭ)