މި އަހަރުގެ ބޮޑު ޢީދު (އަޟްޙާ ޢީދު) އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި، ފާހަގަކުރި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖަމްޢިއްޔަތުއްސަލަފުން ހުޅުވާލައިފިއެވެ.
“ޢީދު އިމުގެ ތެރޭގައި” މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑެއް. 1446 ވަނަ އަހަރު ދޭން ފެށި މި ހިތްވަރުދިނުމުގެ އިނާމު ދޭ މިއީ 2 ވަނަ ފަހަރެވެ.
ހިނގަމުންމިދާ ޖޫންމަހުގެ 4 ވަނަ ދުވަހު، އެ ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރޭގައި ޢީދު ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވާ ރަށު ކައުންސިލްތަކާއި، ޖަމްޢިއްޔާތަކުގެ އިތުރުން އަވަށު ޢީދު ކޮމެޓީތަކުން، ހިންގާފައިވާ ޙަރަކާތްތައް އެނގޭނޭހެން، މި އިޢުލާނާއެކު ހިމަނާފައިވާ ގޫގުލް ފޯމު ފުރުއްވުމަށެވެ.. އަދި މި ފޯމު މި ހިނގާ ޖޫންމަހުގެ 19 ވަނަ ދުވަހުގެ ކުރިން ފުރުއްވުމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ. ފާއިތުވި އަހަރެކޭވެސް އެއްގޮތަށް، މިއަހަރުވެސް އެވޯޑު ދިނުމުގައި ބަލާނީ މައިގަނޑު 8 ޝަރުޠަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ،
- ޢީދުގެ އެއްވެސް ޙަރަކާތެއްގައި ކުލަޖެހުން ހިމެނިފައި ނުވުން.
- އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ގައިގޯޅިވެފައި ނުވުން.
- ސްޓޭޖް ޝޯތައް ބާއްވާފައި ނުވުން.
- ހިލޭ ފިރިހެނުންގެ ކުރިމައްޗަށް އަންހެނުން ނެރެ ނައްޓުވާފައި ނުވުން.
- އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ކަރާމަތަށާއި އަބުރަށް އުނިކަން ލިބޭފަދަ ކަމެއް ކޮށްފައި ނުވުން.
- އިސްލާމީ ހެދުން އެޅުމުގެ މިންގަނޑާ ޚިލާފުވެފައި ނުވުމާއި، ފިރިހެނުން އަންހެން ހެދުން އަދި އަންހެނުން ފިރިހެން ހެދުން އަޅާފައި ނުވުން.
- މިޔުޒިކު ހިމެނޭފަދަ އެއްވެސް ޙަރަކާތެއް ހިންގާފައި ނުވުން.
- ޣައިރު ދީންތަކުގެ ޝިޢާރުތަކުގެ ތެރެއިން، އެއްވެސް ޝިޢާރެއް ރަމްޒުކޮށްދޭފަދަ ކަމެއް ހިމެނިފައި ނުވުން.
ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ، ޖަމްޢިއްޔަތުއްސަލަފުން ބުނީ، މި އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް. އަދި މިފަދައިން މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީވެސް، ޢީދު އުފާ ފައުޅުކުރުމަކީ، ދީނީ ޝިޢާރަކަށްވުމާއެކު، މުންކަރާތްތަކުން ދުރުވެތިބެ، އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އުފާފައުޅުކުރުމަށް ހިތްވަރު ދިނުމާ އެކަން އާލާކުރުންކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.

