ﷲ ބާވައިލެއްވި ފޮތް ބަދަލުކޮށް، ރަސޫލުބޭކަލުން ޤަތުލު ކުރިބައެއްގެ ކިބައިގައި އިންސާނިއްޔަތު ކަމެއް ނެތުމީ ޢަޖައިބުވާންވީ ކަމެއް ނޫން ކަމަށާއި، ޢަޖައިބަވާންވީ ކަމަކީ މުޖުރިމުންނަށް ޢަސްކަރީ އަދީ ޤާނޫނީ އެހީދެމުން މި އަނިޔާވެރިކަމަށް ދޫކޮށްލައިގެން ތިބޭ ތިބުމާމެދު ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޖަމިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު މިހެން ވިދާޅުވެފައި ވަނީ، ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި، އިންސާނީ އެހީގެ ތަކެއްޗާއެކު އެޤައުމަށް ހިތްވަރާއެކު ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމުދް ފްލޮޓިލާގެ ބޯޓުތަކަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން އިޒްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާއިން ރޭގެ ވަޤުތެއްގައި ޤަވާއިދާއި ޚިލާފަށް އަރައި، ބޯޓުތައް ހިފުމަށްފަހު އެބޯޓުތަކުގައި ދަތުރުކުރަމުންދިޔަ އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
” الله ބާވައިލެއްވި ފޮތް ބަދަލުކޮށް ރަސޫލުބޭކަލުން ޤަތުލު ކުރިބައެއްގެ ކިބައިގައި އިންސާނިއްޔަތު ކަމެއް ނެތުމީ ޢަޖައިބުވާންވީ ކަމެއް ނޫން! ޢަޖައިބަކީ މުޖުރިމުންނަށް ޢަސްކަރީ އަދީ ޤާނޫނީ އެހީދެމުން މި އަނިޔާވެރިކަމަށް ދޫކޮށްލައިގެން ތިބޭ ތިބުން!” ޝައިޚުގެ ރަސްމީ ފޭސްބުކް ޕޯސްޓުގައި ވެއެވެ.
ގްލޯބަލް ސުމުދް ފްލޮޓިލާއަށް އަރައި މި ހިންގި ޢަމަލު ކުށްވެރި ކުރައްވަމުން ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ، ޣައްޒާގެ ޙިޞާރު ނައްތާލައި ހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ނިމުމަކަށް ގެނައުމުގެ މަޤްޞަދުގައި ކަނޑުމަގުން ޣައްޒާއަށް ދަތުރު ކުރާ ސުމޫދު ފްލޮޓިލާއަށް އަރައިގަނެ ބައިވެރިން ރަހީނުކޮށް ހެދުމީ އިންސާނިއްޔަތާ ދެކޮޅަށް ޔަހޫދީ ޓެރަރިސްޓް ލަޝްކަރުން ހިންގަމުންދާ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.
“ޣައްޒާގެ ޙިޞާރު ނައްތާލައި ހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ނިމުމަކަށް ގެނައުމުގެ މަޤްޞަދުގައި ކަނޑުމަގުން ޣައްޒާއަށް ދަތުރު ކުރާ ސުމޫދު ފްލޮޓިލާއަށް އަރައިގަނެ ބައިވެރިން ރަހީނުކޮށް ހެދުމީ އިންސާނިއްޔަތާ ދެކޮޅަށް ޔަހޫދީ ޓެރަރިސްޓް ލަޝްކަރުން ހިންގަމުންދާ ބޮޑުވެގެންވާ ޖަރީމާއެއް.” ޝައިޚުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
“އަސްކަރީގޮތުން ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަންނަނީ” ކަމަށްބުނެ، ޔަހޫދީ ޓެރަރިސްޓުން، ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ހުރަސްއަޅައި، ބޯޓުތަކަށް އަރާފައިވަނީ އެ އުޅަނދުތައް ޣައްޒާއާ 70 ނޯޓިކަލް މޭލަށް (130 ކިލޯމީޓަރު) ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ރޭ ދަންވަރު 3:30 ހާއިރު އެވެ. އެކި ޤައުމުތަކުން ފްލޮޓިލާގައި ބައިވެރިވި 500 އެކްޓިވިސްޓުންނާއެކު ދަތުރުކުރި 44 އުޅަނދުގެ ތެރެއިން 13 އުޅަނދެއް ހިފައި، އޭގައި ތިބި 200 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށް މިހާރު ވަނީ އިޒްރާއީލަށް ގެންގޮސްފައެވެ.

