އަތޮޅުތަކަށް ޚާއްޞަކޮށްގެން ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ހަފްތާއަކު ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާގައި 3 ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ. 10 ސެޕްޓެމްބަރ އިން 14 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ހިނގަމުންދަނީ، ށ. މަރޮށި، އދ. މަންދޫ އަދި އއ. ހިމަންދޫގައެވެ.
ށ. މަރޮށީގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ސާޖިދު މުޙައްމަދުއެވެ. އަދި އދ. މަންދޫއާއި އއ. ހިމަންދޫގައި ކުރިއަށްގެންދެވުނު ޕްރޮގްރާމްތައް ނަންގަވައިދެއްވާފައިވަނީޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އަދި ދަޢުވާ މެނޭޖަރު، އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.
މިހަފްތާ ބަންދުގައި ކުރިއަށްގެންދެވުނު ޕްރޮގްރާމްތަކުގައި، ކިޔަވާ ކުދިންނާއި މައިންބަފައިންނަށް ޚާއްޞަކޮށް ޙަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ.
އެގޮތުން “ވިސްނާލުމަށް އެދެމޭ” ނަމުގައި، ށ. މަރޮށި، މަދްރަސަތުލް މުނައްވަރާގެ ސާނަވީ ފަންތީގެ ދަރިވަރުންނަށް ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި ބެލެނިވެރިންނަށް ޚާއްޞަކޮށް، ހެޔޮލަފާ ކިޔަމަންތެރި، ޢިލްމީ ޤާބިލް ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ވިސްނަންވީ ކަންތައްތަކާއި، ބޭނުންކުރާނެ އުކުޅުތައް، އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވެދާނެ ދަތިތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދާނެ ގޮތްތަކާއި ބެހޭގޮތުން ދީނީ ނަޒަރަކުން އަލިއަޅުވާލައި ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދެވުނެވެ.
އދ. މަންދޫ އަދި އއ. ހިމަންދޫގައި ކުރިއަށްގެންދެވުނު ޙަރަކާތްތަކުގެ ތެރޭގައި، މަންދޫ ސްކޫލްގެ ގްރޭޑް 6 އިން މަތީގެ ދަރިވަރުންނާއި ބައްދަލުކުރައްވަވައި ނަޞީޙަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދެވުނެވެ. މީގެ އިތުރުން، ޢިލްމީ ޤާބިލް ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން އެ ސުކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާޓު ދިނުމުގެ ޙަރަކާތެއް ކުރިއަށް ގެންދެވިފައިވެއެވެ. މި ޕްރޮގްރާމްގެ އެންމެ ފަހު ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، އއ. ހިމަންދޫގައެވެ. މިރޭ 20:45ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ، ކަނބަލުންނަށް ޚާއްޞަކޮށް ބާއްވާ ވޯކްޝޮޕެކެވެ. މި ވޯރކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހިމަންދޫ ސުކޫލުގައެވެ.
ބެލެނިވެރިންނާއި ދަރިވަރުންނަށް ކުރިއަށްގެންދެވުނު ޚާއްޞަ ޙަރަކާތްތަކުގެ އިތުރުން، އެ ރަށްރަށުގެ މިސްކިތްތަކުގައި ސިލްސިލާ ދަރުސްތައްވެސް ކުރިއަށް ގެންދެވިފައިވެއެވެ.

