ޖަމްޢިއްޔަތުއްސަލަފުން، އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މި ހަފްތާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ. ގަން އަދި އއ. ތޮއްޑޫގައެވެ. މިހަފްތާ ޕްރޮގުރާމުގައިވެސް މުޙިއްމު މަޢުލޫތަކެއްގެ މައްޗައް ދެވޭ ވަރަށް ޚާއްޞަ ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، ގަމުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް އާދަމް ބަޝީރުއެވެ. އަދި ތޮއްޑޫގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އަދި ޖަމްޢިއްޔާގެ ދަޢުވާ މެނޭޖަރު، އައްޝައިޚް މުޖުތަބާ ހަމީދުގެ އިތުރުން ދުޢާތުންގެ މަޖިލީހުގެ މެމްބަރު، އައްޝައިޚް ޙަސަން ޒިޔާންއެވެ.
“ނަމޫނާ ލީޑަރުން” މި މަޢުޟޫއަށް، އައްޝައިޚް އަޙްމަދު ސަމީރު ދެއްވާ ޚާއްޞަ ދަރުސް އޮންނާނީ، 05 ސެޕްޓެމްބަރު ވާ ހުކުރު ދުވަހު ހެނދުނު 8:00 އިން 10:00 އަށެވެ. މިދަރުހަކީ ލ. އަތޮޅު ކައުންސިލްގެ ލ. އެންޖީއޯ ފޯރަމްގެ ބައިވެރިންނަށް ޚާއްޞަކޮށް ބާއްވާ ދަރުހެކެވެ.
ހަފްތާ ބަންދުގެ ދަރުހުގެ އިތުރުން، އައްޝައިޚް އަޙްމަދު ސަމީރު އަދި އައްޝައިޚް އާދަމް ބަޝީރުއާ ދެބޭފުޅުންވެސް މިހަފްތާ، ލ. ގަމުގެ ދެ މިސްކިތެއްގައި އިމާމުވެ ހުކުރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަސްޖިދުއް ތަޤްވާގައި ޚުޠުބާ ވިދާޅުވެދެއްވައި އިމާމުވެ ހުކުރު ކުރައްވާނީ އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަދި މަސްޖިދުއް ޛިކުރާގައި ޚުޠުބާ ވިދާޅުވެ އިމާމުވެ ހުކުރު ކުރައްވާނީ އައްޝައިޚް އާދަމް ބަޝީރުއެވެ.

