ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، އިޙްޔާ ފޯރަމް ސިލްސިލާގެ ތިންވަނަ ފޯރަމްގައި، މިރޭ ތަޤުރީރު ކުރައްވާނީ، އައްޝައިޚް އަޙްމަދު ސަމީރުއެވެ.
ވުޒާރާގެ ވެބްސައިޓުގައިވާ ޚަބަރުގައި އިތުރަށް ބަޔާންކުރައްވާފައިވާގޮތުގައި، އެހެން ރޭތަކެކޭ އެއްފަދައިން، މިރޭވެސް ފޯރަމް އޮންނާނީ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. “އިސްލާމްދީނުގެ މަތީގައި ޘާބިތުވާށެވެ.” މި މައުޟޫއަށް ބާއްވާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.
މީގެ އިތުރުން، ފާއިތުވީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް، އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ގުރުއަތުން ހޮވޭ ބޭފުޅުންނަށް ޚާއްޞަ އިނާމުތަކެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމުގައި އެ ވުޒާރާގެ ވެބްސައިޓުގައި ބަޔާންކުރައްވާފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ތަޤުރީރު ކުރައްވާ މިފޯރަމް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް މިޖަމްޢިއްޔާއިން އިލްތިމާސް ކުރަމެވެ.
އިސްލާމްދީނުގެ ދަޢުވަތުގެ ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަރަށް ހީވާގި ކަމާއެކު މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރަމެވެ. އަދި ވަކިން ޚާއްޞަކޮށް ރަމަޟާންމަހު އެވުޒާރާގެ ދަރުސްތަކާއި ފޯރަމްތައް އިތުރުކަމުގައި ފާހަގަ ކުރެވެއެވެ.