الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިސްކިތްތަކަކީ ބިމުގައިވާ ތަންތަނުގެ ތެރެއިން، ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގެންވާ ތަންތަނެވެ. މިސްކިތްތައް ލައްވާފައިވަނީ މުއުމިނުން އެތަންތަނުގައި ﷲއަށް އަޅުކަންކުރުމަށާއި ނަމާދު ޤާއިމުކުރުމަށާ އަދި އެއިލާހުގެ ޛިކުރުކުރުމަށާ އަދި އެއިލާހު މަތިވެރިކުރުމަށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ [٣٦] رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ [٣٧]﴾ [سورة النور ٣٦ – ٣٧]
މާނައީ “އެތަންތަނުގައި އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޛުނަދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތަނުގައި އެއިލާހަށް ތަސްބީޙަ ކިޔައި އުޅެއެވެ. [36] އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: އެއީ މިސްކިތްތަކުގައި ތަސްބީޙަ ކިޔައި ނަމާދުކޮށް އުޅޭ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް، ﷲ ގެ މަތިން ހަނދުމަކުރުމުންނާއި ނަމާދު ޤާއިމުކުރުމުންނާއި ޒަކާތް ދިނުމުން، އެބައިމީހުން މަޝްޣޫލުކޮށް ދުރުކޮށެއް ނުލައެވެ. އެދުވަހެއްގައި ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިގެންދާ ދުވަހަށް، އެބައިމީހުން ބިރުވެތިވެއެވެ. [37]”
މިސްކިތްތަކުގެ މުންނާރުތަކުން ކޮންމެ ދުވަހަކު ބަންގީގެ އަޑު ތަކުރާރުވެއެވެ. އެ ބަންގީގައި، ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވުމުގެ ނިދާއާއި ޝަހާދަތުގެ ދެކަލިމަ އިއްވެއެވެ. އަދި އެތަންތަނުގެ މިޙްރާބުތަކާއި މިންބަރުތަކުން އީމާންކަމުގެ ރިސާލަތު ފޯރުކޮށްދެއެވެ. ފަހެ، އެއިން ހިތްތަކާއި ކަންފަތްތައް ހުޅުވައިދެއެވެ. އަދި ޝިރުކުގެ އަނދިރިކަން ފުހެލައެވެ. އަދި އެއީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ތަރުބަވީ އަދި ޢިލްމީ މަދްރަސާއެވެ. މާތްވެގެންވި ޞަޙާބީންގެ ޖީލު ތަރުބިއްޔަތުވެގެން ނުކުތީ ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅުންނެވެ. ފަހެ، ޢިލްމާއި ޢަމަލުގައިވެސް އެންމެ ހެޔޮ ގޮތުގައި ތިއްބެވީ އެބޭކަލުންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ» [متفق عليه]
މާނައީ: “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއް ވެއެވެ.”
އަދި އެބައިމީހުންގެ ތެރޭގައި ޛިކުރު ކުރެއްވިއެވެ.
«وَرَجُلٌ قَلْبُهُ مُعَلَّقٌ فِي المَسْجِدِ» [متفق عليه]
މާނައީ: “އަދި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއެވެ.”
އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ» [رواه أبو داود (561) والترمذي (223) وصححه الألباني في تحقيقه للمشكاة المصابيح برقم: (721)]
މާނައީ: “ރޭގަނޑުގެ އަނދިރީގައި ހިނގާފައި ގިނަގިނައިން މިސްކިތްތަކަށް ދާ މީހުންނަށް ޤިޔާމަތްދުވަހު ފުރިހަމަ އަލިކަންވާކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.”
އެހެންކަމުން ފަރުޟު ނަމާދުތަކުގެ ޖަމާޢަތަށް ރައްކާތެރިވެއްލަވާށެވެ. އަދި ޅައުމުރުން ފެށިގެން ދަރިން އެކަމަށް ހާނުވާށެވެ. ނަމާދާއި މިސްކިތުގެ ޖަމާޢަތާ ހިތްތައް ގުޅިފައިވުމީ ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު އެއް އަސާސެވެ.
އޭﷲ! އަޅަމެންނަކީ މިސްކިތްތަކާ ހިތްތައް ގުޅިފައިވާ ޞާލިޙު ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!