ޙަރާމްތަކެތި ކާނަމަ ދުޢާ އިޖާބަވުމަށް ހުރަސްއެޅިގެންދާނެކަމަށާއި އަޅުގަނޑުމެންގެ އަރުތެރެއިން އެތެރެކުރާ ކޮންމެ އެއްޗަކީ ޙަލާލު އެއްޗެއްކަމުގައި ހަދަންޖެހޭނެކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފާ ދާރިސްޓީވީ ގުޅިގެން ގެނެސްދޭ ޕްރޮގްރާމް ’29މިނެޓް’ ގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ ޚާއްސަކޮށް ރާއްޖެއިން ބޭރަށް ދާއިރު ކެއިންބުއިމުގައި ވަރަށްބޮޑަށް ސަމާލުވާންޖެހޭނެކަމަށާ އަވައްޓެރި ޤައުމުތަކަށް ބެލިކަމުގައިވިޔަސް އެއީ ބުޑިސްޓު ޤައުމުތައްކަމަށްވާތީ ތަންތަނުން ކާ އިރު ވަރަށްބޮޑަށް ސަމާލުވާންޖެހޭނެކަމަށެވެ.
”އަޅުގަނޑުމެން އަވައްޓެރި ޤައުމުތަކުގައި ދިރިއުޅޭއިރު އަދި ޤައުމުތަކަށް ފުރަފުރައިގެންދާއިރު އެޤައުމުތަކުގައި އެކިއެކި ތަންތަނަށް ވަދެ ކައިބޮއެ ހަދާއިރު އެތަންތާނގައި ހުރީ ޙަލާލު ތަކެތިތޯ ޔަޤީންކުރަންޖެހޭނެ. މިކަން ގުޅިފައިވަނީ އަޅުގަނޑުމެންގެ ޢަޤީދާއާ. އަޅުގަނޑުމެން ﷲއަށް ކުރާ ދުޢާ އިޖާބަވެގެން ނުދޭ އަޅުގަނޑުމެން ކާ އެއްޗިއްސަކީ ޙަރާމް ތަކެތިކަމުގައި ވާނަމަ” ޝައިޚް ވިދާޅުވިއެވެ.
ދާރިސްޓީވީއިން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2 ޖަހާއިރު ގެނެސްދޭ ’29މިނެޓް’ ގެ 144 ވަނަ ޕްރޮގްރާމުގައި ޝައިޚް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ޙަރާމް ތަކެތި ކައިބޮއެ އުޅޭނަމަ އަދި ޙަރާމް ގޮތުގައި ހޯދާ ފައިސާއިން އަންނައުނު ގަނެ އެ ލައި އުޅޭނަމަ ﷲ ގެ ބަރަކާތާ ރަޙްމަތް ކެނޑިގެން ހިނގައިދާނެކަމަށެެވެ.