މިއަހަރުގެ ނޮވެމްބަރ 11 އިން 14އަށް ބ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސަލަފް ރިޙްލާ 2026″ގައި 70 އަށްވުރެ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.
ހުރިހާ ޢުމުރުފުރާއަކަށް ޢަމާޒުކުރެވިގެން ހިންގާ ތަފާތު އެކި ޙަރަކާތްތައް މި ރިޙްލާ ޕްރޮގްރާމުގައި މިހާރު ވަނީ ޝެޑިއުލް ކުރެވިފައެވެ. މިގޮތުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނެނީ، ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ޙަރަކާތްތަކާއި، އަންހެނުންނަށް ޚާއްޞަ ޕްރޮގްރާމްތަކާއި، ޓީޗަރުންނަށް ޚާއްޞަ ޕްރޮގްރާމްތަކާއި، ބެލެނިވެރިންނަށް ޚާއްޞަ ޕްރޮގްރާމްތަކެވެ. އަދި މަދަރުސާތަކުގެ ދަރިވަރުންނަށް ޚާއްޞަ ޕްރޮގްރާމްތަކާއި ޒުވާނުންނަށް ޚާއްޞަ ޕްރޮގްރާމްތަކުގެ އިތުރުން އިސްރަށްވެހިންނަށް ޚާއްޞަ ޕްރޮގްރާމްތައްވެސް ހިމެނެއެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ހުރިހާ ޙަރަކާތެއްވެސް ކުރިއަށްދާނީ އެއްވަޤުތެއްގައެވެ. މިގޮތުން ކުރިއަށްގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި، ތަފާތު އެކި މައުޟޫޢުތަކަށް ބާއްވާ ދަރުސްތަކާއި، ވޯރކްޝޮޕްތައް ހިމެނެއެވެ. މިގޮތުން، ސޯޝަލް މީޑިއާ ޑިޓޮކްސް، އޭއައި އަދި ކޯޑިންގ ކޭމްޕް، ޢަޤީދާ ވޯރކްޝޮޕް، ނަމާދު ވޯކްޝޮޕް ހިމެނެއެވެ. އަދި ހަމައެއާއެކު ކައުންސެލިންގ ސެޝަންތަކާއި، ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ކުޑަކުދީންނަށް ޚާއްޞަކޮށް ބާއްވާ ކުޑަކުދީންގެ ހަވީރުވެސް މި އަހަރުގެ ސަލަފް ރިޙްލާގެ ތެރޭގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ބ. އަތޮޅުގެ ކައުންސިލްތަކާއި މަދަރުސާތަކުންނާއި މުއައްސަސާތަކުން އެއްބާރުލުން ލިބޭކަން މި ޖަމްޢިއްޔާއިން ފާހަގަކުރަމެވެ.
“ސަލަފް ރިޙްލާ” އަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި ޖަމްޢިއްޔާއިން އަތޮޅުތަކުގައި ހިންގާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މި ޕްރޮގްރާމް ފެށިފައިވަނީ 2009 ވަނަ އަހަރުއެވެ. މިހާތަނަށް ސަލަފް ރިޙްލާގެ ޙަރަކާތްތައް 9 ފަހަރެއްގެމަތިން ކާމިޔާބުކަމާއެކު ވަނީ ބާއްވާފައެވެ.
މިއަހަރު ބާއްވާ ސަލަފް ރިޙްލާ 2026 ރާވައި ހިންގުމުގައި ބ. އަތޮޅުން އެންމެ އިސްދައުރެއް އަދާކުރަނީ، ފޭލި ޖަމްޢިއްޔާ އާއި ހިތާދޫ އައިލެންޑް މޫވްމަންޓު (ހިމް) އިންނެވެ.

