ޖަމްޢިއްޔަތުއްސަލަފްއިން ކުރިއަށްގެންދާ “ސަލަފް ރިޙްލާ” މިއަހަރު، މާޅޮސްމަޑުލު ދެކުނުބުރީގައި ބޭއްވުމަށް ހަމަޖައްސައި، އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 11 އިން 14 އަށް ބާއްވަން ހަމަޖެހިފައިވާ “ސަލަފް ރިޙްލާ 2026” އަށް ތައްޔާރުވުމުގެ ގޮތުން، އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަކަންކަން މިހާރުވެސް ވަނީ ފެށިފައެވެ. މިގޮތުން އެކި ރަށްރަށުން، އެ ރަށްރަށުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ޙަރަކާތްތަކުގެ މަޢުލޫމާތު އެއްކުރެވި، އޭގެ މައްޗަށް މުޅި ރިޙްލާގެ ތާވަލް މިހާރުދަނީ ތައްޔާރު ކުރެވެމުންނެވެ. މިއަހަރު ބާއްވާ ސަލަފް ރިޙްލާ 2026 ރާވައި ހިންގުމުގައި ބ. އަތޮޅުން އެންމެ އިސްދައުރެއް އަދާކުރަނީ، ފޭލި ޖަމްޢިއްޔާ އާއި ހިތާދޫ އައިލެންޑް މޫވްމަންޓު (ހިމް) އިންނެވެ.
“ސަލަފް ރިޙްލާ” އަކީ އަތޮޅުތަކަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ އެންމެ ބޮޑު އެއް ޙަރަކާތެވެ. މި ޕްރޮގްރާމް ފެށިފައިވަނީ 2009 ވަނަ އަހަރުއެވެ. މިއީ، ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޙަރަކާތްތަކުގެ އިތުރުން، ފަންނީ، ޢިލްމީ އެކިއެކި ޙަރަކާތްތައް ހިމެނިގެން، ހުރިހާ ޢުމުރުފުރާ އަކާ ގުޅޭ ތަފާތު އެކިއެކި ޙަރަކާތްތައް ހިމެނިގެން ހިންގޭ ޕްރޮގްރާމެކެވެ. މިގޮތުން، ސަލަފް ރިޙްލާގައި ދީނީ ޢިލްމުވެރިންގެ އިތުރުން، މެޑިކަލް ޑޮކްޓަރުންނާއި، ފަންނީ، ޢިލްމީ އެކިއެކި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
“ސަލަފް ރިޙްލާ” މި ޕްރޮގްރާމް މިހާތަނަށް 9 ފަހަރު ވަނީ ބޭއްވިފައެވެ. މިގޮތުން، ޅ. ނައިފަރު، ތ، ދ، ށ، ނ، ފ، ރ، ޏ އަދި އދ އަތޮޅުގައި މި ރިޙްލާ ޕްރޮގްރާމްވަނީ ބާއްވާފައެވެ. މި ޕްރޮގްރާމަށް އަތޮޅުގެ ރަށްތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބޭކަން ފާހަގަކުރަމެވެ.

