ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން، އިފްތިތާޙުކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ.
މި މަހުގެ 10ވާ ބުރާސްފަތި ދުވަހު (މާދަމާ) ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން، އިފްތިތާޙުކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގައި ބާއްވާ ރަސްމިއްޔާތު ފެށޭނީ ހަވީރު 4:00ގައެވެ.
މިއަހަރު ބާއްވާ ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިއްބެވި، މި ޖަމްޢިއްޔާއާއެކު މަސައްކަތްކުރައްވާ 50ހަށްވުރެ ގިނަ ޢިލްމުވެރީން ބައިވެރިވެލައްވައެވެ.
މާދަމާއިން ފެށިގެން، މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި، ތަފާތު އެކި ދާއިރާތަކުން، ޢިލްމުވެރިންނަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އިތުރު ކުރުމުގެ ގޮތުން ޙަރަކާތްތަކެއް ކުރިއަށްގެންދެވޭނެއެވެ.
މިއަހަރުގެ މި ބައްދަލުވުން، ޓައިޓްލް ސްޕޮންސަރ ކޮށްފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. އަދި އޮފިޝަލް ޕާރޓްނަރުގެ ގޮތުގައި ބައިވެރިވެލައްވަނީ އެޗް.ޑީ.ސީއެވެ. މީގެ އިތުރުން، ޓްރެވެލް ޕާރޓްނަރުގެ ގޮތުގައި އެމް.ޓީ.ސީ.ސީން ބައިވެރިވެލައްވާއިރު، މީޑިއާ ޕާރޓްނަރުގެ ގޮތުގައި ދާރިސްޓީވީން މި ބައްދަލުވުމުގައި ޙަރަކާތްތެރިވާނެއެވެ.

