އައްޝައިޚް މުޖުތަބާ ޙަމީދު
އެއީ ރޯދަމަހެކެވެ. މަދީނާގެ މަގުތަކުގައި މީސްތަކުން ހޭލަމޭލައަށް އުޅެމުންދެއެވެ. ކުއްލިއަކަށް ފެންނަ މަންޒަރަކީ މަދީނާގެ މަތިވެރި ޢަދުލުވެރި ދަރުބާރެވެ. ކައު ސާހިބާގެ މަތިވެރި މިސްކިތްކޮޅު ހިމެނޭ ސަރަޙައްދެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަގައި އެކަލޭގެފާނުގެ ބައެއް ޞަހާބީން ތިއްބެވިއެވެ. އެބޭކަލުން ތިއްބެވީ އަދަބުވެރިކަމާ އެކުއެވެ. ކުއްލިއަކަށް މުޅި މާހައުލުގެ ހިމޭންކަން ގެއްލުވާލީ މާދުރުން އިންސާނެއްގެ ބާރު އަޑުންނެވެ. އެ އަޑު މަޑުމަޑުންކައިރިވަމުން ބާރުވަމުން އެބަ އާދެއެވެ. އެވަގުތު އެތަނުގައި އިންނެވި އަބޫ ހުރައިރަތުގެފާނުވެސް އެކި ފަރާތްފަރާތަށް ބައްލަވަން ފައްޓަވައިފިއެވެ. ދެންއެކަލޭގެފާނު ކިޔައިދެއްވިއެވެ.
“އަހުރެމެން ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިހުގައި ތިއްބާ ބޭކަލަކު ވަޑައިގެންނެވިއެވެ. އެބޭކަލަކު ކިޔުއްވަނީ “ތިމަން ހަލާކުވެއްޖެ، ހަމަހަލާކުވެއްޖެ” ދެން ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ސުވާލުކުރެއްވިއެވެ. ކޮންކަމެއް ދިމާވީތޯއެވެ؟ ޖަވާބުގައި އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲގެ ނަބިއްޔާ އެވެ! ތިމަންކަލޭގެފާނަށް ބޮޑު ކަމެއް ކުރެވިއްޖެއެވެ. ތިމަންކަލޭގެފާނަށް ރޯދައަށް ހުރެ އަނބިކަމަނާއާ އެކު އެއްދާން ކުރެއްވިއްޖެއެވެ.”
އެހެން ދެންނެވުމަށްފަހު، އެކަލޭގެފާނު އިސްދަށަށް ޖެއްސެވިއެވެ. އަދި މުޅި މާހައުލުން އެއްފަހަރާ ހުރިހާ އަޑުތަކެއް ކަނޑައިގެން ދިޔަ ކަހަލައެވެ. މުޅި ތަނަށްހަމަ ހިމޭންކަން އަތުވެއްޖެއެވެ. ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ވަގުތުކޮޅެކެވެ.
އިރުކޮޅެއް ފަހު ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެއްކަހަލަ ޞަޙާބީ އަށް ދެންނެވިއެވެ: “ތިބާއަށް އަޅަކު މިނިވަން ކުރެވޭނެ ހެއްޔެވެ؟” ޖަވާބުގައި ނޫނެކޭ ދެންނެވިއެވެ. ދެން އަނެއްކާވެސް ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: “އެހެންވީއިރު ޖައްސަޖައްސައިގެންދެމަސް ދުވަހުގެ ރޯދަ ހިފޭނެތޯއެވެ؟” އެކަންވެސް ނުވާނެކަމަށް އެ ޞަހާބީ ދެންނެވިއެވެ. ދެން ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިންވަނަކަމަކަށް ޙަދީޘް ކުރެއްވިއެވެ. “ފަސްދޮޅަސް މިސްކީނުންނަށް ކާންދޭށެވެ.”
ޖަވާބުގައި އެބޭކަލަކު ދެންނެވިއެވެ. “ﷲ ގެ ރަސޫލާއެވެ! ތިކަން ކުރެވޭނެހާ ތަނަވަސްކަމެއް އަޅުގަނޑުގެ ކިބައިގައި ނެތެވެ.” ތިންވަނަ ފަހަރުވެސް ނޫނެކޭދެންނެވިއެވެ.
ދެން ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިތުރު އެއްޗެކޭ ވިދާޅުނުވެ އިންނެވިއެވެ. އަދި އެ ޞަހާބީވެސް ހަމަ މަޑުމަޑުން ހަމަ ހިމޭންކަމާއެކުއިންނެވިއެވެ. މިހެން ތިއްބަވަނިކޮށް ކުއްލިއަކަށް މަދީނާގެ ވަޒަންވެރި އަންޞާރިއްޔަ ޞަހާބީންގެ ތެރެއިން ބޭކަލަކު ކަދުރު އަޅާފައި ހުރި ޓައްޕެއްކަހަލައެއްޗެއް ހިފައިގެން ދުރުވެއްޖެއެވެ. އަދި އެ ކަދުރުތައް ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ހަދިޔާ ކުރައްވައިފިއެވެ. އެހިސާބުން ކައު އިތުރުނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިހުގައި އިންނެވި އެ ފަޤީރު ޞަހާބީއަށް އެހުރިހާ ކަދުރެއް ދެއްވާ ޙަދީޘް ކުރެއްވިއެވެ. “މި ކަދުރުތަކުން ފަސްދޮޅަސްމިސްކީނުންނަށް ކާންދޭށެވެ.”
އަބޫ ހުރައިރަތުގެފާނު އިތުރަށް އެދުވަހުގެ ވާހަކަތައް ކިޔަދެއްވަމުން ދެންނެވިއެވެ: އެ ހުރިހާ ކަދުރެއް ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެ ޞަހާބީއަށް ދެއްވުމުން ދެންނެވިއެވެ: “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ޙައްޤު ދީނާގެން ފޮނުއްވެވި އިލާހު ގަންދީ ދަންނަވަމެވެ. މި މަދީނާގައި ތިމަންނައާއިތިމަންގެ އަހުލުވެރިންހާ ނިކަމެތި ފަޤީރު މިސްކީނުންނެއް ނުތިބޭނެއެވެ.” އެހިނދު ރަޙްމަތުގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހިނިވަރުނަކުރެއްވިއެވެ. ކިހާވަރަކަށްތޯއެވެ؟ އެކަލޭގެފާނުގެ ކޮލުދަތްޕުޅު ފެނިއްޖެއުމަށް ދާންދެނެވެ. ދެން ޙަދީޘްކުރެއްވިއެވެ: “އެހެންވިއްޔާ ތިޔަ ކަދަރުތައް ކަލޭގެފާނާއި ކަލޭގެފާނުގެއަނބިދަރިންނަށް ހޭދަކުރައްވާށެވެ.”
މި ޙަދިޘާއިން ކައު އިތުރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ޞަހާބީންނާމެދު އޯގާތެރިވެ ވަޑައިގަންނަވާ މިންވަރު އެނގިގެންދެއެވެ. އަދިއެކަލޭގެފާނުގެ އަރިހުގައި ކަމެއް ސާފުކުރެއްވުމަށް އެބޭކަލުންނަށް އެއްވެސް ހުރަހެއް ނެތްކަން ހާމަވެގެންދެއެވެ.
ހަމަ މިއާއެކު މި ޙާދިޘާއިން ރަމަޟާންމަހު ދުވާލުގެ ވަގުތުގައި ދެމަފިރިން އެއްދާންކޮށް ޖިމާޢުވެއްޖެނަމަ އެކަމުގެ ކައްފާރާއަކީ އަޅަކު މިނިވަންކުރުންކަންއެނގިގެންދެއެވެ. މިނިވަންކުރާނެ އަޅަކު ނުލިބިއްޖެނަމަ ޖެހޭނީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފާށެވެ. އެކަމަށް ޞިއްޙީ ގޮތުން ތަންނުދޭނަމަ އޮތީފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. މިސްކީނުންނަކީ ލިބޭ އާއްމުދަނީން ދެކޮޅު ނުޖެހޭމީހުންނެވެ.