އައްޝައިޚް އަޙްމަދު ސަމީރު
މައުމޫމުން ނަމާދަށް ތެދުވާނެ ވަގުތާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ.
މީގެ ސަބަބަކީ ވަކި ވަގުތެއް ޚާއްޞަކުރާ ޞައްޙަ ދަލީލެއްވާރިދުވެފައި ނުވާތީއެވެ. فضيلة الشيخ ابن عثيمين رحمه الله ވިދާޅުވެފައިއެވެ.” (މައުމޫމް) ނަމާދަށް ތެދުވާނެ ވަކި ވަގުތެއް ކަނޑައަޅާ ސުންނަތުގެދަލީލެއް ވާރިދުވެފައެއް ނުވެއެވެ. ހަމައެކަނި ވާރިދުވެފައިވަނީ “ތިމަން ކަލޭގެފާނު ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ!” މިފަދައިންނެވެ. مجموعفتاوى ابن عثيمين (13/8)
މިކަމާބެހޭގޮތުން الشيخ عبد العزيز بن باز رحمه الله އާ ސުވާލުކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ. ” ޤަމަތްދޭން ފެށުމުން ނަމާދަށް ތެދުވަން ވަކި ޚާއްޞަވަގުތެއް ޠާޙިރުވެގެންވާ ޝަރުޢުގައި ކަނޑައަޅުއްވާފައެއް ނުވެއެވެ. އަދި ކިއެއްތަ، ޤަމަތްދޭން ފެށުމުންނާއި، ޤަމަތްދެމުންދާއިރުގައްޔާއި، ނިމޭއިރުވެސްތެދުވުން ހުއްދަވެގެންވެއެވެ. މިއީ ކޮންމެ ވަގުތެއްގައިވެސް ތެދުވުމުގެ ފުރުސަތު އޮތްކަމެކެވެ. ނަމާދަށް ތެދުވުން ޝަރުޢުވެގެންވަނީ (قَدْ قَامَت الصَّلاَة) މިފަދައިން ގޮވާލުމުން ކަމުގައި ވިދާޅުވި ބައެއް ފިޤްހުވެރިންގެ އެ ރައުޔަށް ދަލީލެއް އޮތްކަމުގައި ތިމަން ނުދެނަހުރީމެވެ. ޤަމަތްދިނީ އިމާމު މީހާ ހާޒިރުވުމުގެކުރިން ކަމުގައިވާނަމަ ސުންނަތް ގޮތަކީ އޭނާ ފެނުމުން ނޫނީ ނަމާދަށް ނުތެދުވުމެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަންނަނިވިބަސްފުޅަށްޓަކައެވެ. {إذا أقيمت الصلاة فلا تقوموا حتى تروني قد خرجت} رواه مسلم. މާނައީ:” ނަމާދަށް ޤަމަތް ދެވުނަސް ތިމަންކަލޭގެފާނުނަމާދަށް ނިކުންނެވިތަން ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ!” (مجموع فتاوى ومقالات الشيخ ابن باز 10/ 367).
ޤަމަތްދޭން ފެށުމުން ނަމާދަށް ތެދުވުމަށް ވަކި ޚާއްޞަވަގުތެއް ކަޑައެޅިގެން ވޭތޯ فضيلة الشيخ ابن عثيمين رحمه الله އާ ސުވާލުކުރެވުމުން ޖަވާބުގައިވިދާޅުވިއެވެ. “ނަމާދަށް ތެދުވުމަށް ވަކިޚާއްޞަ ހިނދެއް ސުންނަތުގައި ވާރިދުވެފައެއް ނުވެއެވެ. ހަމައެކަނި ވާރިދުވެފައިވަނީ މިފަދައިންނެވެ.{إذا أقيمتالصلاة فلا تقوموا حتى تروني قد خرجت} رواه مسلم. މާނައީ:” ނަމާދަށް ޤަމަތް ދެވުނަސް ތިމަންކަލޭގެފާނު ނަމާދަށް ނިކުންނެވިތަންނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ!” ޤަމަތްދޭން ފެށޭވަގުތު ނުވަތަ ޤަމަތްދެމުން ދަނިކޮށް ތެދުވިޔަސް ނުވަތަ ނިމޭތަނުން ތެދުވުމާއި، މިއިންކޮންމެ ގޮތަކަށް ޢަމަލުކުރުންވެސް ހުއްދައެވެ.” مجموع فتاوى ابن عثيمين (13/8)
ސަޢުދީގެ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނެވެ. قَدْ قَامَت الصَّلاة މި ފަދައިން ގޮވާލެއްވުމުގެ ކުރިން މީހުން ނަމާދަށް ސަފުތަކަށް ތެދުވުމަކީމިހާރަކަށް އައިސް ވަރަށް ގިނަ މިސްކިތްތަކުން، އަދި ވަކިން ޚާއްޞަކޮށް ދަރުސްތަކުގައި މީހުން އެއްވެތިބޭ ޙާލަތުގައްޔާއި، އަދި ހުކުރުނަމާދުގައިފެންނަކަމެކެވެ. އެއީ ބިދުޢައެއް ހެއްޔެވެ؟
ޖ: އިމާމުވެ ނަމާދުކުރާމީހާ މިސްކިތުގައި ނެތީސް ޤަމަތްދީފިނަމަ ސުންނަތްވެގެންވަނީ އިމާމުމީހާ ފެނުނީމާ ނަމާދަށް ތެދުވުމެވެ. އެއީ ސަލާމާއިޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަންނަނިވި ބަސްފުޅަށްޓަކައެވެ. {إذا أقيمت الصلاة فلا تقوموا حتى تروني قد خرجت} رواه مسلم. މާނައީ:” ނަމާދަށް ޤަމަތް ދެވުނަސް ތިމަންކަލޭގެފާނު ނަމާދަށް ނިކުންނެވިތަން ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ!” އިމާމުމީހާ މިސްކިތުގައި ހުރިނަމަ،ފަހެ، ބަންގި ގޮވާމީހާ ގަމަތްދޭން ފެށުމާއެކު މައުމޫން ނަމާދަށް ތެދުވަންވީއެވެ. ޤަމަތް ފެށޭވަގުތު ނުވަތަ ޤަމަތްދެމުންދާވަގުތު ނުވަތަ ނިމޭތަނުގައިތެދުވުމަކުންވެސް އޭނާގެ މައްޗަކަށް ކުށެއް ނެތެވެ. اللجنة الدائمة للبحوث العلمية والإفتاء، السؤال الثاني من الفتوى رقم (18097).
އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާންމުކޮށް ބަންގިގޮވައި ޤަމަތްދީ ހަދަނީވެސް ހަމަ އިމާމުވެ ނަމާދުކުރާމީހާއެވެ. ވީމާ ގަަމަތްދޭއިރު އިމާމުވެ ނަމާދުކުރާމީހާއެހުންނަނީ ނަމާދަށް ހާޒިރުވެފައެވެ. އޭނާ މިސްކިތުގައި އިނދެ، ގަމަތް ދޭ ވަގުޖެހުމުން އެ ތެދުވަނީ އިމާމުވެ ނަމާދު ކުރުމަށެވެ. ވީމާ އޭނާ ތެދުވެ ގަމަތްދޭންފެށުމުން އެވީ ސަފުތައް ތަރުތީބު ކުރާށެވެ. އެހެނީ ނަމާދަށް ސަފުތައް ތަރުތީބުކުރުމުގައި ކުރީސަފުތަކަށް އެރުމުގައި ފަސްޖެހުމަކީ މާތްﷲ އެމީހަކު އެންމެހައިހެޔޮކަންކަމުން ފަސްކުރެއްވުމުގެ ސަބަބެއްކަމުގައިވާތީއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުންގެ އަޞްޙާބުންގެ ފަރާތްޕުޅުން (ކުރީސަފަށްއެރުމުގައި) ލަސްކަމެއް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. {تقدَّموا فأتمُّوا بي ، وليأتمَّ بكم مَن بعدَكم ، ولا يزالُ قومٌ يتأخرونَ حتَّى يُؤخِّرَهم اللهُ عزَّوجلَّ} رواه مسلم . (438) މާނައީ:” ތިޔަބައިމީހުން ކުރިއަށް އަރާށެވެ! އަދި ތިމަންކަލޭގެފާނާ އިޤްތިދާވާށެވެ! ދެން ތިޔަބައިމީހުންގެ ފަހުންއަންނަމީހުން ތިޔަބައިމީހުންނަށް ތަބާވާނެތެވެ. ފަހެ، ﷲ އެބަޔަކު ފަސްކުރައްވައިފުމަށް ދާންދެން (ކުރީސަފަށް އެރުމުގައި) ބަޔަކު ލަސްވެތިބެއެވެ.
ވީމާ ރަނގަޅުގޮތަކީ ޤަމަތްދޭން އިމާމުމީހާ ތެދުވުމުން ލަސްނުވެ ސަފުތައް ތަރުތީބުކުރުމެވެ. އެހެނީ ވަކިވަގުތެއް ޖެހެންދެން ނުތެދުވެ އިނުމަށް ޞައްޙަދަލީލެއް ނެތި، އެހެން މީހުން ސަފުތަކަށް އަރަމުންދާއިރު އިށީނދެ އިނުމަކީ ލަސްވުމުގެ ސިފައެކެވެ. އަދި ސަފުތައް ހެދުމުގައި އެހެންމީހުންނަށްއުނދަގޫވެސް ވާނެކަމެކެވެ.
والله أعلم